ރ އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ގެ 9 ވަނަ ޖަލްސާ މިއަދު ހުޅުދުއްފާރު ކައުންސިލްގައި ބާއްވައިފި

ރ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 9 ވަނަ ޖަލްސާ މިއަދު ރ. ހުޅުދުއްފާރު ކައުންސިލްގައި ބާއްވައިފިއެވެ. މި ޖަލްސާ ފެށުނީ މިއަދު ހެނދުނު 11:45 ގައެވެ. އަދި ބްރޭކްތަކަށްފަހު ނިމުނީ ހަވީރު 5:00 ގައެވެ.
މި ޖަލްސާގައި މައިގަނޑު 4 ކަމެއް އެޖެންޑާ ކުރެވިފައިވެއެވެ. އޭގެ ތެރޭގައި ޔައުމިއްޔާ ފާސްކުރުމުގެ އިތުރުން، 2024 ވަނަ އަހަރުގެ ޤައުމީ ޤުރުއާން މުބާރާތަށް ހޮވިފައިވާ ކުދިންނަށް ޤުރުއާން މުބާރާތުގައި ވާދަކުރުމާއި އެކަމުގައި އަމަލުކުރާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކުރުން ހިމެނެއެވެ.
މީގެ އިތުރުން، އިދާރީ ގޮތުން ކައުންސިލްގެ ރައީސަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި، ސެކްރެޓަރީ ޖެނެރަލް އަދި އެސްއެމްޓީ ހާޒިރުކޮށް ޖަވާބުދާރީކުރުވުން ވެސް މި ޖަލްސާގެ އެޖެންޑާގައި ހިމެނިފައިވެއެވެ.
ރ. އަތޮޅު ކައުންސިލްގެ މި ޖަލްސާގައި ކައުންސިލްގެ މެންބަރުންގެ އިތުރުން ކަމާބެހޭ އިދާރީ އިސްމުވައްޒަފުން ބައިވެރިވިއެވެ. މި ޖަލްސާގައި ކުރެވުނު މަޝްވަރާތަކާއި ނިންމުނު ނިންމުންތަކުގެ ތަފްސީލު މާދަމާ އާންމުކުރާނެއެވެ. މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކައުންސިލްގެ ރައީސް ހުސައިން ނާސިފްއެވެ. މީގެ އިތުރުން ނައިބު ރައީސް އަބްދުﷲ ރަޝީދު، ވާދޫ ކައުންސިލްގެ ރައީސް ހުސައިން އަލީ، ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުހައްމަދު އާތިފް، އިނގުރައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް، ފައިނު ކައުންސިލްގެ ރައީސް އަހުމަދު ރިޝްފާން، ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސައިން، މާކުރަތު ކައުންސިލްގެ ރައީސް މުހައްމަދު ރަމީޒް، އިންނަމާދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒްމީން އަދި އަނގޮޅިތީމް ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.