2025 އަހަރުގެ ރ އަތޮޅުގެ ހޭންޑްބޯޅަ ޗެމްޕިއަނުންނަކީ ދުވާފަރު

media cover

ރ. އަތޮޅު ހޭންޑްބޯޅަ މުބާރާތުގެ ފައިނަލްގައި ޓީމް މަޑުއްވަރީ 15-21 އިން ބަލިކޮށް، 2025 ވަނަ އަހަރުގެ ރ. އަތޮޅު ހޭންޑްބޯޅަ ޗެމްޕިއަންކަން ދުވާފަރު ހޯދައިފިއެވެ. ސިޓީތަކާއި ކައުންސިލްތަކާ ބެހޭ ވުޒާރާގެ މިނިސްޓަރ އާދަމް ޝަރީފް ޝަރަފްވެރިކޮށްދެއްވި މި މުބާރާތުގެ ފައިނަލް ކުޅުން ފެށުނީ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ރާނީ) ގެ މަޤާމް ހޯދީ ދުވާފަރުގެ އީނާ އަހުމަދެވެ. އަދި މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި އީނާގެ އިތުރުން، ދުވާފަރުގެ މަލާޒާ މުހައްމަދު، ރިސްޤާ މުހައްމަދު، އަދި ކީޕަރ އާމިނަތު ނާއިފާ ހިމެނުނެވެ. އަދި ޓީމް މަޑުއްވަރީގެ އާމިނަތު ސާހިރާ، އާމިނަތު ނާޖިޔާ އަދި ފާތިމަތު ރަމްޒިއްޔާވެސް މި ލިސްޓުގައި ހިމެނިފައިވެއެވެ.

މުބާރާތުގެ ފެއަރ ޕްލޭޔަރގެ މަޤާމް ހޯދާފައިވަނީ ހުޅުދުއްފާރުގެ ހަރުކާ ސަކުރާއެވެ. އަދި ފެއަރ ޕްލޭ ޓީމުގެ ގޮތުގައި މާކުރަތު ހޭންޑްބޯލް ޓީމް ވަނީ ހޮވިފައެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމް ހޯދާފައިވަނީ މާކުރަތުގެ ފާއިގާ އަހުމަދު އަލީއެވެ.

މި މުބާރާތަކީ ރ. އަތޮޅުގެ އަންހެން ކުޅުންތެރިންގެ ހުނަރާއި ޤާބިލްކަން ދައްކުވައިދިން މުބާރާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ. އަދި މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމްތަކަކުންވެސް ދައްކާފައިވަނީ ފުރިހަމަ ކުޅުމެކެވެ.