އުނގޫފާރު ބަދަހި ވާދަ ފުޓްސަލް 2025: ޗެމްޕިއަން ރ އަތޮޅު ކައުންސިލް

media cover

            

 ރ. އުނގޫފާރުގައި މިނިމުނު އޮގަސްޓް 20 ވަނަ ދުވަހު ފެށުނު މުއައްސަސާތަކަށް ޚާއްސަ "އުނގޫފާރު ބަދަހި ވާދަ ފުޓްސަލް މުބާރާތް 2025" ގެ ޗެމްޕިއަންކަން، ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މީރަން 1-0 އިން ބަލިކޮށް، ރ. އަތޮޅު ކައުންސިލްގެ ޓީމުން ހޯދައިފިއެވެ.

މުބާރާތް ފެށުނީއްސުރެން މޮޅު ކުޅުމެއް ދައްކަމުން އައި ރ. އަތޮޅު ކައުންސިލްގެ ޓީމަކީ އުނގޫފާރު ކައުންސިލް، އެމްޓީސީސީ އަދި މީރާގެ ކޮމްބައިން ޓީމެކެވެ.، މި މުބާރާތުގައި ބައިވެރިވި ޖުމްލަ 8 ޓީމުގެ ތެރެއިން، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޗެމްޕިއަންކަން ހޯދި ޓީމެވެ. ފައިނަލް މެޗުވެސް އެޓީމުން ކާމިޔާބުކުރީ އުފުލިފައިވާ ފޯރިއާއެކު ދައްކުވައިދިން ރީތި ކުޅުމަކުންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ރަސްގެފާނު" ގެ މަޤާމާއި، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދީ ރ. އަތޮޅު ކައުންސިލްގެ މުހިންމު ކުޅުންތެރިޔާ އާތިފް އިޤްބާލްއެވެ. އާތިފްގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ރ. އަތޮޅު ކައުންސިލްގެ ތާހާ ހަނީފެވެ. އަދި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީވެސް ޗެމްޕިއަން ޓީމު، ރ. އަތޮޅު ކައުންސިލްގެ މުހައްމަދު ރަޒާންއެވެ.

މި މުބާރާތުގެ ސަބަބުން އުނގޫފާރުގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހިވެ، ކުޅިވަރަށް ހުނަރުވެރި ކުޅުންތެރިން ފާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ. ރ. އަތޮޅު ކައުންސިލްގެ ޓީމަށް މި ޗެމްޕިއަންކަމާއެކު، އެމުއައްސަސާގެ ކުޅިވަރުގެ ފެންވަރު ވަނީ އިތުރަށް އުފުލިފައެވެ.