ރ އަތޮޅުގެ ކަނބަލުން ބާރުވެރިކުރުން: 61 ބައިވެރިންނާއެކު ކާމިޔާބު

media cover

. އަތޮޅުގެ އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ހާއްސަކޮށްގެން ކަނބަލުން ބާރުވެރިކުރުމުގެ ގޮތުން ބޭއްވި އެއް ދުވަހުގެ ވޯކްޝޮޕް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި ވޯކްޝޮޕްގައި އަތޮޅުގެ ހުރިހާ ރަށަކުން ޖުމްލަ 61 ބައިވެރިން ބައިވެރިވިއެވެ.

މި ވޯކްޝޮޕްގައި އަމާޒުކުރެވިފައިވަނީ އަތޮޅުގެ ކޮންމެ ރަށަކުން އަންހެން ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން މެންބަރުންނަށެވެ. ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ މިޒަމާނުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތަކުން އަރައިގަތުމުގެ ހުނަރުތައް ދަސްކޮށްދިނުމެވެ.

ވޯކްޝޮޕްގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވުނު އެއް ކަމަކީ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމެވެ. މީގެ ތެރޭގައި ހިމެނެނީ ޓީމް މެނޭޖްކުރުމާއި، ހަރުދަނާ ނިންމުންތައް ނިންމުމާއި، މުއާމަލާތްކުރުމުގެ ހުނަރުތަކެވެ. މި ހުނަރުތަކަކީ އަންހެނުން އިސްވެ ހަރަކާތްތެރިވާ ދާއިރާތަކުގައި ކުރިއެރުން ހޯދުމަށް މުހިންމު ބައިތަކެކެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ވޯކްޝޮޕްގައި ފާހަގަކުރެވުނެވެ. އަދި މިފަދަ ވޯކްޝޮޕްތަކުން އަންހެނުންގެ މެދުގައި ގުޅުން ބަދަހިވެ، ތަޖުރިބާ ޙިއްޞާކުރުމުގެ ފުރުޞަތު ލިބިގެންދާކަން ބައިވެރިން ފާހަގަކުރިއެވެ.

ވޯކްޝޮޕް ނިމުމާއެކު ބައިވެރިންނަށް ސެޓްފިކެޓް ދެވުނެވެ. ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރިމެހެމާނަކީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރ އޮފް ނާސިންގ - އަލްފާޟިލާ ލީނާ މުހައްަމަދެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ތަމްރީން ޕްރޮގްރާމްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.