ރ އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުންގެ ތަމްރީން: މިފަހަރު ޕްރޮޖެކްޓް މެނޭޖްމެންޓް
ރ. އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުންގެ ހުނަރު ތަރައްޤީކޮށް، ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ބާއްވަމުން ގެންދާ ތަމްރީން ސީރީޒްގެ ތެރެއިން ޕްރޮޖެކްޓް މެނޭޖްމެންޓްގެ ޚާއްސަ ތަމްރީނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހާއި 22 ވަނަ ދުވަހުއެވެ.
މި ތަމްރީން ސީރީޒްގެ މައިގަނޑު މަޤްސަދަކީ ކައުންސިލްތަކުގެ މުވައްޒަފުންނަށް ޕްރޮޖެކްޓްތައް ރާވައި، ހިންގައި، ނިންމުމުގެ ހުނަރުތަކާއި، އެކަމަށް ބޭނުންވާ އިލްމީ އަދި ޢަމަލީ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މިއީ ކައުންސިލްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ހަރުދަނާކޮށް، ތަރައްޤީގެ މަޝްރޫޢުތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި މުހިންމު ފިޔަވަޅެކެވެ.
މި ޕްރޮގްރާމުގައި ރ. އަތޮޅުގެ ކޮންމެ ކައުންސިލަކުން ދެ މުވައްޒަފުން ބައިވެރިވާނެއެވެ. މިއީ މުވައްޒަފުންގެ ތެރެއިން ޕްރޮޖެކްޓްތަކާ ގުޅުންހުރި މަސައްކަތްތައް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ތަމްރީނެކެވެ. މި ތަމްރީނުގެ ސަބަބުން ކައުންސިލްތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ކާމިޔާބު ޕްރޮޖެކްޓްތަކެއް ނިމިގެންދާނެ ކަމަށް ބެލެވެއެވެ.