ރ އަތޮޅުގައި މުޅިން އަލަށް ޑައިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް

media cover

ރާއްޖޭގެ އެކި ދާއިރާތަކަށް ހުނަރުވެރި ބަޔަކު ތަމްރީން ކުރުމުގެ ގޮތުން، ރ. އަތޮޅު ކައުންސިލްގެ ފަރާތުން މުޅިން އަލަށް ޑައިވަރުން އުފެއްދުމުގެ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުން އެބަދެއެވެ. "ރ އަތޮޅުގައި ޑައިވަރުން އުފެއްދުމުގެ ތަމްރީން"ގެ ނަމުގައި ކުރިޔަށް ގެންދާ މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގައެވެ.

މި ތަމްރީން ޕްރޮގްރާމަކީ ރ. އަތޮޅު ކައުންސިލްގެ މީހުން އުފެއްދުމާއި މީހުން ބިނާކުރުމުގެ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު މަޤުސަދަކީ ރ. އަތޮޅުގެ ކޮންމެ ރަށެއްގައި ވެސް އަތޮޅު ކައުންސިލުން ތަމްރީންކޮށްފައިވާ ހުނަރުވެރި ޑައިވަރެއް ބެހެއްޓުމެވެ. މިކަމުގެ ސަބަބުން އަތޮޅުގެ ޒުވާނުންނަށް ޑައިވިންގެ ގެދާއިރާގެ މަސައްކަތްތަކަށް ބޭނުންވާ ތަމްރީނުލިބި، އަމިއްލަ ރަށްރަށުގައި އަދި ރިސޯޓް ތަކުގައި އެފަދަ ހިދުމަތްތައް ދެވޭނެ މަގު ފަހިވެގެންދާނެއެވެ.

މި ތަމްރީނުގައި ބައިވެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ ޕަޑީ (PADI) އޯޕަންވޯޓަރ ސެޓްފިކޭޝަންގެ ކޯސް ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބައިވެރިން އެއް ރަށެއްގައި ތިބެގެން، އެއްތަނެއްގައި ތަމްރީންތައް ދިނުމުގެ އުސޫލުންނެވެ.

ރ. އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ރައްޔިތުންނަށް ހުނަރެއް ދަސްކޮށްދީ، އެމީހުންގެ ތަރައްޤީއަށް އެހީތެރިވެދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދީފައެވެ. މި ޕްރޮގްރާމަކީ ވެސް އަތޮޅުގެ ޒުވާނުންނަށް ފެނުގެ ދާއިރާއިން އާ ދޮރުތަކެއް ހުޅުވައިދީ، އަމިއްލަ ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމަށް ކައުންސިލުން ކުރާ މުހިންމު މަސައްކަތެކެވެ.