އަރުތަ އެވޯޑް ހަފްލާ ބާއްވަނީ
ރ އަތޮޅުގެ ރައްޔިތުންނާއި، އަތޮޅުގެ ތަރައްޤީއަށް ޚިދުމަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ރ އަތޮޅު ކައުންސިލް އިދާރާއިން 'އަރުތަ އެވޯޑް' ބާއްވަން ނިންމައިފިއެވެ. މި އެވޯޑަކީ އަތޮޅުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތެރިންނާއި، އާންމު ރައްޔިތުންގެ މަސައްކަތްތަކަށް ޝަރަފުވެރިކަން ދިނުމަށް ހިންގާ ހަރަކާތެކެވެ. މި އެވޯޑްގެ ދަށުން ޖުމްލަ 15 ދާއިރާއަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުތަ އެވޯޑްގެ މަޤްޞަދަކީ އަތޮޅުގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ތަޢުލީމީ ދާއިރާތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރުދުންނާއި، މުއައްސަސާތަކުގެ މަސައްކަތްތައް ފާހަގަކޮށް، އެފަރާތްތަކަށް ހިތްވަރު ދިނުމެވެ. އެގޮތުން، ޚިދުމަތުގެ ދާއިރާއިން 'އަރުތަ އެވޯޑް' ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އަތޮޅުގެ ތަރައްޤީއަށް އެކި ގޮތްގޮތުން ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ.
މި އެވޯޑްގައި ތަޢުލީމީ ދާއިރާއަށް ޚާއްޞަ ދެ އެވޯޑެއް ހިމެނެއެވެ. އެއީ މަތީ ތަޢުލީމާއި ތަމްރީނާއި ހުނަރުގެ ދާއިރާއަށް ދެވޭ 'އެދުރު އެވޯޑް' އާއި، އުނގަންނައި ދިނުމުގެ ދާއިރާއިން (އެދުރުބޭ ނުވަތަ އެދުރު ދައިތަ) ފާހަގަކުރުމަށް ދެވޭ 'ވޮށުފިލާ އެވޯޑް' އެވެ. މީގެ އިތުރުން ސިއްޚީ ދާއިރާއަށް 'ހަކީމީ އެވޯޑް' އާއި، މަސްވެރިކަމުގެ ދާއިރާއަށް 'ކެޔޮޅު އެވޯޑް' ވެސް ވަނީ ކަނޑައަޅާފައެވެ.
އިޤްތިޞާދީ ދާއިރާތަކަށް ބަލާއިރު، ދަނޑުވެރިކަމުގެ ދާއިރާއިން 'މަލަސް އެވޯޑް'، ވަޑާމުގެ ދާއިރާއިން 'ކިއްސަރު އެވޯޑް'، އަދި ފަތުރުވެރިކަމުގެ ދާއިރާއިން 'ރަންބިސް އެވޯޑް' ހިމެނެއެވެ. ހަމައެއާއެކު، އުފެއްދުންތެރިކަމުގެ ދާއިރާއަށް 'ފަންނުވެރިޔާ އެވޯޑް' އާއި، ފެހުމާއި މާޖެހުމާއި ފަށުވީގެ ދާއިރާއަށް 'ފަށުވި އެވޯޑް' ވެސް މި ލިސްޓުގައި ހިމެނެއެވެ.
އަތޮޅުގެ އިދާރީ ހިންގުމާއި އިޖުތިމާޢީ މަސައްކަތްތައް ފާހަގަކުރުމަށް ޚާއްޞަ އެވޯޑްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ހުރިހާގޮތަކުން އެންމެ ރަނގަޅު ކައުންސިލް އިދާރާއަށް 'ލާމަސީލު ކައުންސިލް އެވޯޑް' ދިނުމަށް ހަމަޖެހިފައިވާއިރު، އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 'ރެހެންދި އެވޯޑް' ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެކި ކަންކަމުގައި މަދަދުވެރިކަމާއި އެހީތެރިކަން ދިނުމުގެ ދާއިރާއަށް 'މަދަދުޤާރު އެވޯޑް' ވެސް ހިމެނެއެވެ.
ރ އަތޮޅު ކައުންސިލް އިދާރާއިން މިފަދަ އެވޯޑެއް ބޭއްވުމަކީ، އަތޮޅުގެ ރައްޔިތުންގެ މެދުގައި އިތުރު ހިތްވަރާއި ފޯރި އުފައްދައި، އަތޮޅުގެ ތަރައްޤީއަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
އެވޯޑްތަކަށް އެޕްލައިކުރުމަށް:
https://forms.gle/Le5PHncFj3n3pAUK9
އެވޯޑްގެ އުސޫލު:
https://raa.gov.mv/resource/50