އަތޮޅު ކައުންސިލުން ރޭވިފައިވާ މަޝްރޫއުތަކަށް ފިނޭންސްގެ ހުއްދަ ނުލިބި ކަންކަން ހުއްޓިފައި

/

ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހާއި ގުޅިގެން، އަތޮޅު ކައުންސިލްތަކުން އިދާރީ ހަރަދު ފިޔަވައި އެހެނިހެން ހަރަދުތައް ކުރުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ނިންމުމާ ގުޅިގެން، ރ. އަތޮޅު ކައުންސިލުން ރާވާފައިވާ ގިނަ ހަރަކާތްތަކެއް ހުއްޓިފައިވާ ކަމަށް މި އިދާރާއިން ހާމަކުރަމެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން 18 ޑިސެމްބަރު 2025 ގައި ފޮނުވި ސިޓީއަކާ ގުޅިގެން، 2025 ގެ ފަހުކޮޅާއި 2026 ގެ ފުރަތަމަ ހަ މަސްދުވަހަށް ރޭވިފައިވާ ވޯކްޕްލޭންގެ މަސައްކަތްތައް ވަނީ މަޑުޖެހިފައެވެ.

މިގޮތުން ހުއްޓިފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ރ. އަތޮޅުގެ ހިދުމަތްތެރިންގެ އަގުވަޒަންކުރުމަށް ބާއްވާ 'އަރުތަ އެވޯޑް' އާއި، ރަމަޟާން މަހު ރަށްރަށަށް ގެންނަ ހާފިޒުންގެ އެލަވަންސް ދިނުން ހިމެނެއެވެ. މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާ ބަގީތަކާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ސޯލާ ހަކަތަ ގާއިމުކުރުމަށް ދޭން ނިންމި ފައިސާ ދޫކުރުން ވެސް ވަނީ ހުއްޓިފައެވެ.

އަދި ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމާއި، އަތޮޅު ކައުންސިލުން ކުއްޔަށްދޭ ކޮޓަރިތައް މަރާމާތުކުރުމުގެ އިތުރުން، ކައުންސިލްގެ ވަދާއީ ކުޅިވަރު މުބާރާތް ކަމަށްވާ 'އަރުތަ ފުޓްސަލް މުބާރާތް 2026' ވެސް މިހާރު ވަނީ ކުރިއަށް ނުގެންދެވިފައެވެ. މި ހުރިހާ ކަމަކީ ވެސް ފިނޭންސް މިނިސްޓްރީގެ ހުއްދަ ބޭނުންވާ ކަންކަމެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ކައުންސިލުން މިހާތަނަށް ދެ ދަތުރެއް މާލެއަށް ކޮށްފައިވެއެވެ. އެގޮތުން  ޖެނުއަރީ 11 ވަނަ ދުވަހު ކުރި ދަތުރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިދުނާ އިބްރާހިމާއި ބައްދަލުކޮށްފައިވާއިރު، ފެބްރުއަރީ 24، 2026 ގައި ސީދާ ފިނޭންސް މިނިސްޓަރާ ބައްދަލުކޮށް ކައުންސިލްގެ ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ.

 ޖުމްލަ 14 ހަރަކާތެއް ހިންގުމުގެ ހުއްދައަށް އެދި މިހާތަނަށް ހަތް ސިޓީއެއް ފޮނުވާފައިވާއިރު  މިހާތަނަށް އެއްވެސް ސިޓީއަކަށް ޖަވާބެއް ނުވަތަ އެއްވެސް ހަރަކާތެއް ހިންގުމުގެ ހުއްދަ ލިބިފައި ނުވާކަން ފާހަގަކުރަމެވެ.

މި ހުއްދަތައް އަވަސް މުއްދަތެއްގެ ތެރޭގައި ނުލިބޭ ނަމަ، މި ހިނގާ ދައުރުގެ ތެރޭގައި ރޭވިފައިވާ އެއްވެސް ތަރައްގީގެ މަޝްރޫއެއް ނުވަތަ އިޖުތިމާއީ ހަރަކާތެއް ކުރިއަށް ނުގެންދެވޭނެކަން ހިތާމައާއި އެކު ފާހަގަކުރަމެވެ.