ރ. އަތޮޅު ކައުންސިލުން "އަތޮޅުވެހި" އިމާރާތުގެ ކުލީގެ އެއްބަސްވުން ބާތިލުކޮށްފި

/

 ރ. އަތޮޅު ކައުންސިލުގެ 03 ވަނަ ދައުރުގައި، "އަތޮޅުވެހި" ކުއްޔަށް ދޫކުރުމަށް، ކ.މާލެ ދަފްތަރު ނަންބަރު 12241،  އަލްފާޟިލް ޢަބްދުލް މުޙުސިން ހަސަން އާއެކު ވެފައިވާ 9 އަހަރާއި 7 މަސްދުވަހުގެ އެއްބަސްވުން ބާތިލުކުރުމަށް ނިންމާފައިވަނީ 08 މާޗު 2026 ވީ އާދިއްތަ ދުވަހު އަތޮޅު ކައުންސިލުގައި ބޭއްވި، ރ އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 06 ވަނަ ޖަލްސާގައެެވެ.

ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި، ކުއްޔަށް ހިފި ފަރާތުން އެއްބަސްވުމުގެ ގިނަގުނަ މާއްދާތަކާ ޚިލާފުވެފައިވެއެވެ. އޭގެ ތެރޭގައި އިމާރާތް ބަލަހައްޓައި މަރާމާތު ނުކުރުމާއި، އެއްބަސްވުމުގައިވާ ގޮތަށް އިމާރާތަށް އިންވެސްޓް ނުކުރުމުގެ އިތުރުން، އިމާރާތަށް ގެންނަންޖެހޭ އިސްލާހުތަކާއި ބަދަލުތައް ގެނައުމަށް ކައުންސިލުން ދިން އިރުޝާދުތަކަށް ބޯލަނބާ އަމަލުނުކުރުން ހިމެނެއެވެ.

އެއްބަސްވުން ބާތިލުކުރުމުގެ ރަސްމީ 3 މަސްދުވަހުގެ ނޯޓިސް ކުއްޔަށް ހިފި ފަރާތަށް ދީފައިވަނީ 3 ޑިސެމްބަރު 2025 ގައެވެ. މި ނިންމުން ނިންމާފައިވަނީ ނޯޓިސްގެ މުއްދަތު ހަމަވިއިރުވެސް، އެއްބަސްވުމާ ޚިލާފުވަމުންދާ ކަންތައްތައް އިސްލާހުކޮށްފައި ނުވާތީ، އެއްބަސްވުން އެއްކޮށް އުވާލަންޖެހޭ ކަމަށް ކައުންސިލަށް ފެންނާތީއެވެ.

ކައުންސިލް މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މި ނިންމުމުގެ މަގްސަދަކީ ދައުލަތުގެ މުދާ ރައްކާތެރިކުރުމާއި، ކައުންސިލްގެ ބެލުމުގެ ދަށުން ކުއްޔަށް ދޫކުރެވޭ ތަންތަން އެއްބަސްވުމާ އެއްގޮތަށް ބަލަހައްޓައި ބޭނުންކުރާކަން ކަށަވަރުކުރުމެވެ. މި ނިންމުމަކީ ދިވެހިރާއްޖޭގެ ލޯކަލް ކައުންސިލްތަކުން ކުލީގެ އެއްބަސްވުންތައް ތަންފީޒުކުރުމަށާއި، މުޖުތަމައުގެ އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ހާމަކޮށްދޭ ކަމެކެވެ.

މި އިމާރާތަކީ ރ. އުނގޫފާރަށް ބޭސްފަރުވާއަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ޒިޔާރަތްކުރާ ރާ އަތޮޅުގެ ރައްޔިތުންނަށް ލުއިފަސޭހަ އަދި އަގުހެޔޮކޮށް ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަގުސަދުގައި، ނިމިދިޔަ ކައުންސިލް ދައުރުގައި ކުއްޔަށް ދޫކުރި 14 ކޮޓަރި އެކުލެވޭ އިމާރާތެކެވެ.