ފިނޭންސްގެ ހުއްދަ ނުލިބިގެން ކުރިޔަށް ނުގެންދެވިހުރި މުހިއްމު ހަރަކާތްތައް #01 : ރ އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށް މާލީ އެހީ ދިނުން
ރ. އަތޮޅު ކައުންސިލުން، އަތޮޅުގެ މަދަނީ ޖަމިއްޔާތަކުގެ މަސައްކަތްތައް އަގުވަޒަންކޮށް، ރަށްރަށުގެ ތަރައްޤީއާއި މުޖުތަމައަށްޓަކައި ކުރާ މަސައްކަތްތަކަށް ހިތްވަރުދީ އެހީތެރިވުމަށް ނިންމި މާލީ އެހީގެ ހަރަކާތް، ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުލިބުމުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުއްޓިއްޖެއެވެ. މިއީ 2025 ވަނަ އަހަރުގެ ފަހުކޮޅު އެ ކައުންސިލުން ހިންގުމަށް ނިންމާފައިވާ ނުހަނު ބޭނުންތެރި ހަރަކާތެކެވެ.
މި މަޝްރޫޢުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅި ޖަމިއްޔާތަކުގެ ތެރެއިން އެންމެ ރަނގަޅު 5 ޕްރޮޕޯސަލަކަށް މާލީ އެހީ ދިނުމަށް އިއުލާން ކުރުމުން، އަތޮޅުގެ 10 ޖަމިއްޔާއަކުން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރޭގައި:
1. ބްލެސް ޖަމިއްޔާ (އިނގުރައިދޫ)
2. އެމްވީގޯލް (ދުވާފަރު)
3. މާކުރަތު އައިޑިއަލް އެސޯސިއޭޝަން (މާކުރަތު)
4. މީދޫ އެކުވެރި ކުލަބް (މީދޫ)
5. މަޑުއްވަރީ އެކުވެރި ކުލަބް (މަޑުއްވަރީ)
6. ސަރކަލް ބޮޑުބެރު އެންޑް އިވެންޓްސް (ދުވާފަރު)
7. ރަސްމާދޫ ޑިވޮލޮޕްމެންޓް އެސޯސިއޭޝަން (ރަސްމާދޫ)
8. ޖަމިއްޔަތުއް ސައިފް (އުނގޫފާރު)
9. ލެންޓާން (ހުޅުދުއްފާރު)
10. ޖަމިއްޔަތުއް އިއްތިހާދު (ކިނޮޅަސް) ހިމެނެއެވެ.
މި ހަރަކާތް ކުރިއަށް ނުގެންދެވި މަޑުޖެހުނީ ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާހާ ގުޅިގެން އަތޮޅު ކައުންސިލްތައް އުވާލަން ނިންމުމާ ގުޅިގެންނެވެ. ޤާނޫނަށް ގެނައި މި ބަދަލާއެކު، 17 މޭ 2026 ގައި އަތޮޅު ކައުންސިލްތައް އުވޭނެއެވެ. މިކަމާ ގުޅިގެން 17 ޑިސެމްބަރު 2025 ގައި އެލްޖީއޭއިން ވަނީ އިދާރީ ޚަރަދު ފިޔަވައި އެހެން އެއްވެސް ޚަރަދެއް ކުރެވޭނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް އަންގާފައެވެ.
ކައުންސިލްތައް އުވެން މިހާ ކުޑަ ދުވަސްކޮޅެއް އޮތްއިރު، އެއްވެސް ހަރަކާތެއް ހިންގުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދިނުމުގެ އެއްވެސް އިޝާރާތެއް ނުވަތަ ޖަވާބެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ރ. އަތޮޅުގެ ރައްޔިތުންގެ ލާބައާއި މުޖުތަމައުގެ ތަރައްޤީއަށް ކައުންސިލުން ކުރަން ނިންމާފައިވާ މުހިއްމު ބޮޑެތި މަސައްކަތްތަކެއް ވަނީ މުޅިން ހުއްޓިފައެވެ.
މި މާލީ އެހީއަކީ ޖަމިއްޔާތަކުން ރަށްރަށުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް ލިބޭނެ ބޮޑު އެހީތެރިކަމަކަށް ވީނަމަވެސް، ސަރުކާރުގެ އިދާރާތަކުގެ ހުއްދަ ނުލިބި ލަސްވަމުންދާތީ، އަތޮޅުގެ އިޖުތިމާޢީ މަސައްކަތްތަކަށް އަތޮޅު ކައުންސިލުން ވާން ނިންމި އެހީތެރިކަމަށް މިވަނީ ބޮޑު ހުރަހެއް ކުރިމަތިވެފައެވެ.
އަރުތަ އެހީއަށް ހުޅުވާލި އިއުލާން ގެ ލިންކް:
https://www.gazette.gov.mv/iulaan/370461
އަރުތަ އެހީއަށް ހުޅުވާލި ވީޑިއޯ އިއުލާން:
https://www.facebook.com/share/v/1Kg6YsAMjt/