ފިނޭންސްގެ ހުއްދަ ނުލިބިގެން ކުރިޔަށް ނުގެންދެވިހުރި މުހިއްމު ހަރަކާތްތައް #02 : އަރުތަ އެވޯޑް
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުގެ ދަށުން އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމުމާ ގުޅިގެން، 17 ޑިސެމްބަރު 2025 އިން ފެށިގެން އިދާރީ ހިންގުމަށް ކުރާ ހަރަދު ފިޔަވައި އެހެން ހުރިހާ މާލީ މުއާމަލާތެއް ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ނުކުރެވޭނެ ކަމަށް އެލްޖީއޭއިން ވަނީ އަންގާފައެވެ. މި ނިންމުމުގެ ސަބަބުން، ރ. އަތޮޅުގެ ހިދުމަތްތެރިންގެ އަގުވަޒަން ކުރުމަށް ކައުންސިލުން އިންތިޒާމުކުރި 'އަރުތަ އެވޯޑް' ހަފްލާ ބޭއްވުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. މި އެވޯޑަކީ ރ. އަތޮޅަށާއި އެ އަތޮޅުގެ ރަށްތަކަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް މި ދައުރުގެ ތެރޭގައި ދިނުމަށް ކަނޑައަޅާފައިވާ ހާއްސަ ޝަރަފެކެވެ.
މި ހަފްލާގެ އިންތިޒާމުތައް ކުރިއަށް ގެންދިއުމަށްޓަކައި އުނގޫފާރުގެ ފައްސިޔަ އިންވެސްޓްމެންޓާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެވޯޑްތައް ތައްޔާރުކުރުމަށް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޤިރިޔާއާ ވެސް ވަނީ ހަވާލުކޮށްފައެވެ. 15 ފެބްރުއަރީ 2026 ގައި މި ހަފްލާ ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތުމުން، އެ ދެ ފަރާތުންވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ފަށައި ހަރަދުތަކެއް ކޮށްފައިވާ ކަމަށް ބުނެ ކައުންސިލަށް ވަނީ ސިޓީ ފޮނުވާފައެވެ.
މަސައްކަތުގެ ބައެއް މިހާރުވެސް ނިމިފައިވާތީ ބާކީ މިއިން ވަގުތުގައިވެސް ފިނޭންސްގެ ހުއްދަ ލިބިއްޖެ ނަމަ މި ހަފްލާއަކީ ބޭއްވިދާނެ ހަރަކާތެއްކަން ކައުންސިލް އިދާރާއިން ގަބޫލުކުރެއެވެ.
ކައުންސިލްތަކުގެ ދައުރު ނިމެން ކައިރިވެފައިވާއިރު، އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުމުގެ ހުއްދައެއް ފިނޭންސް މިނިސްޓްރީން މިހާތަނަށް ދީފައެއް ނުވެއެވެ. މީގެ ސަބަބުން ރައްޔިތުންގެ ލާބަޔާއި އަތޮޅުގެ ތަރައްގީއަށް ކައުންސިލުން ރާވާފައިވާ މުހިއްމު ގިނަ މަސައްކަތްތަކެއް ވަނީ މުޅިން ހުއްޓިފައެވެ.