ފިނޭންސްގެ ހުއްދަ ނުލިބިގެން ކުރިޔަށް ނުގެންދެވިހުރި މުހިއްމު ހަރަކާތްތައް #03 : އަރުތަ ފުޓްސަލް މުބާރާތް 2026
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުގެ ދަށުން އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމުމާ ގުޅިގެން، ރ. އަތޮޅުގެ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ "އަރުތަ ފުޓްސަލް މުބާރާތް 2026" ބޭއްވޭގޮތް ނުވެ މަޑުޖެހިއްޖެއެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަތޮޅު ކައުންސިލްތަކަށް އަންގާފައިވަނީ، 17 ޑިސެމްބަރު 2025 އިން ފެށިގެން އިދާރީ ހިންގުމަށް ކުރާ ހަރަދު ފިޔަވައި އެހެން ހުރިހާ މާލީ މުއާމަލާތެއް ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ނުކުރެވޭނެ ކަމަށެވެ. މި ނިންމުމުގެ ސަބަބުން މުބާރާތަށް ބޭނުންވާ މާލީ ހުއްދަތައް ނުލިބި، މުބާރާތް ކުރިއަށް ގެންދިއުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
މި އަހަރުގެ ބަޖެޓުގައި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ، އަދި ފެއަރ ޕްލޭ ޓީމަށް 30,000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މިއީ ރ. އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެ އަތޮޅަށް ތައާރަފްކޮށްދިން ގިނަ ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން، މި ދައުރުގެ ވަދާއީ މުބާރާތުގެ ގޮތުގައި ބޭއްވުމަށް ރޭވި މުބާރާތެކެވެ.
އަތޮޅު ކައުންސިލްތައް އުވާލުމުގެ މަރުހަލާ ކުރިއަށްދާއިރު، މާލީ ކަންކަމަށް ގެނައި މި ބަދަލުގެ ސަބަބުން އަތޮޅު ފެންވަރުގައި ބާއްވާ މިފަދަ ބޮޑެތި ހަރަކާތްތަކަށް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ. މި މުބާރާތަކީ ރ. އަތޮޅުގެ ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މުބާރާތެކެވެ.